ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ފާޑުވިދާޅުވި މައްސަލާގައި ސުވާލުކުރަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ހުށަހަޅުއްވައިފިއެވެ.

މި މައްސަލާގައި ޒަމީރު މަޖިލީހަށް ހާޒިރުކުރަން ހުށަހެޅުއްވީ ރައްޔިތުންގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއެވެ.

މީކާއިލް މިއަދު މަޖިލީހަށް ހުށަހެޅި ސުވާލުކުރުމުގެ ނޯޓިސްގައި ވަނީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީ އަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ކުޑައިމީސް ކުރުމުން ވެސް ސަރުކާރުގެ ފަރާތުން ރަސްމީ ސިފައެއްގައި އިންޑިއާގެ ކިބައިން މަޢާފަށް އެދިފައި ނުވަނީ ކީއްވެތޯ އާއި މިކަމާ ގުޅިގެން އެ ޑެޕިއުޓީ މިނިސްޓަރުން މަގާމުން ވަކިނުކުރަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ.

މިނިސްޓަރާ ސުވާލުކުރުމުގެ އިތުރުން، މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް އެ މައްސަލައިގައި ހިމެނޭ ޑެޕިއުޓީ މިނިސްޓަރުންނާއި ސަރުކާރުގެ ކަމާބެހޭ އެންމެހާ ފަރާތްތައް ހާޒިރު ކުރުމަށް ވެސް މީކާއިލް ވަނީ ހުށަހަޅުއްވައިފައެވެ.

ތިން ޑެޕިއުޓި މިނިސްޓަރުން ކޮމިޓީއަށް ހާޒިރުކޮށް ވަޒީރާ ސުވާލު ކުރަން މީކާއިލް ހުށަހެޅުއްވިއިރު ރައްޔިތުންގެ މަޖިލިސް މިވަގުތު އޮތީ ޗުއްޓީގައެވެ.

މި މައްސަލައިގައި ސަރުކާރުން އިއްޔެ ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ސަސްޕެންޑްކޮށްފައެވެ.

ފޮރިން މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ބޭރުގެ ޤައުމުތަކުގެ ވެރިންނާއީ، މަތީ ފަންތީގެ ވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކޮށްފައިވާ މަލާމާތާއި ހުތުރު ބަސްތައް ސަރުކާރަށް ފާހަގަވެފައިވާ ކަމަށާއި ނަމަވެސް އެއީ ސަރުކާރުގެ ރަސްމީ ސިޔާސަތެއް ނޫން ކަމަށެވެ.

އަދި  އެއީ، އެ ޚިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ޚިޔާލު ކަމަށެވެ.

އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޑިމޮކްރެޓިކް ހަމަތަކާއި އެކު ޖަވާބުދާރީ ވެވޭގޮތަށް ގެންގުޅެން ޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށާއި ބައިނަލްއަޤްވާމީ ގުޅުންތަކަށް ބުރޫއަރާގޮތަށް ނަފްރަތު ފަތުރައި އުފެދޭ ގޮތަށް ބޭނުން ނުކުރެވޭނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.