ޗައިނާ އަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީ.ސީ.ސީ.ސީ.)ގެ އިސްވެރިން އެމަނިކުފާނުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމުންނެވެ.

ރައީސް ސީސީސީސީގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލުކުރެއްވީ އެމަނިކުފާނު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްކުރާ ދަތުރުގައި ޗައިނާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

އަދި ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ސިނަމާލެ ބްރިޖު އެޅި ސީ.ސީ.ސީ.ސީގެ އިސްވެރިން ވަނީ ޗައިނާގެ ސީ.ސީ.ސީ.ސީ.އަށް ދިވެހިރާއްޖެއިން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އަދި ރާއްޖޭގެ ތަރައްޤީއަށް ކުރިއަށް ރާއްވަވާފައިވާ މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ސީ.ސީ.ސީ.ސީ. ގެ އިސްވެރިން ވަނީ ރާއްޖޭގެ ސަރުކާރުން ކުރާ މަސައްކަތްތަކާއެކު ރާއްޖޭގެ ކުރިމަގު އުޖާލާވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.