ޕީއެންސީގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޢައިޝަތު ޢާޒިމާ ޝަކޫރާއެކު މާލޭގެ ރައްޔިތުން ނުދެކޭ ފަދަ ތަރައްޤީ ފެންނާނެ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ގަލޮޅު ކަންމަތީގައި ރޭ އޮތް ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ މޭޔަރަކަށް ޢާޒިމާ ހުންނަވައިފިނަމަ މާލޭ ރައްޔިތުން ދުވަހަކު ވެސް ނުދެކޭ ވަރުގެ ތަރައްޤީއާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، މާލެ އަކީ ރައްޔިތުން އުފަލުގައި ދިރިއުޅޭ ފެންވަރު ތަނަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ޢާޒިމާ ހައްދަވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ވެސް ކުރިއަށްގެންދެވީ މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މާލެ ސިޓީ ތަރައްޤީ ކުރައްވަމުން ގެންދަވަނީ ދުނިޔޭގެ ބޮޑެތި ސިޓީތަކުން ކަންކަންކުރައްވާ ގޮތް ނަމޫނާއަކަށް ބައްލަވައިގެން ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ނައިބު ރައީސް ވަނީ މިއީ ސަރުކާރާ އެކު މަސައްކަތް ކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވެފައެވެ.
އަދި ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީއަށް ގެންނަން ބޭނުންވި ތަރައްޤީ އާއި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެ ފުރުސަތު ހޯދައިދެވޭނީ މޭޔަރު ކަމަށް ސަރުކާރުގެ ކެންޑިޑޭޓަކު އިންތިހާބު ކޮށްގެން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
