މާލެ ސިޓީގެ މޭޔަރު ހޮވަން ބާއްވާ އިންތިޚާބާ ދިމާކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މުހިންމު މެސެޖެއް ދެއްވަވައިފިއެވެ.

ޗައިނާގައި ހުންނަވައި ރައީީސް މުޢިއްޒު ދެއްވި ވީޑިއޯ މެސެޖުގައި ދެ ފިޔަވައްސަކާއިއެކު، ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް އެމަނިކުފާނު ވަޢުދުފުޅާއި އެއްގޮތަށް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކޮށްދެއްވައިފައިވާކަން ފާހަގަކުރައްވައި، އެއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ކޮށްނުދެވުނު ކަމެއް ކަމުގައި ވިދާޅުވިއެވެ.

ހުޅުމާލެއަށް މުނިސިޕަލް ޚިދުމަތްތައް ދިނުމުގެ ބޮޑު ޒިންމާ އަދާކުރެއްވޭނީ، ސަރުކާރާއިއެކު، އެއްވިސްނުމެއްގައި ކުރިއަށްދާ ކެންޑިޑޭޓަށްކަން ރައީސް ފާހަގަހަގަކުރެއްވިއެވެ. އަދި ސަރުކާރާއިއެކުގައި މަސައްކަތް ކުރައްވާނެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް އިލްތިމާސް ކުރެއްވިއެވެ.

ރައީސް އެ އިޝާރަތް ކުރެއްވެވީ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަވާ ޢައިޝަތު ޢާޒިމާ ޝަކޫރަށެވެ.

މި ބޮޑު ޒިންމާ އަދާކުރުމުގައި، ސަރުކާރާއެކުގައި މަސައްކަތް ނުކުރާނެ މީހަކު މޭޔަރެއްގެ ގޮތުގައި އަތުވެއްޖެއްޔާ، ހުޅުމާލޭގެ ރައްޔިތުންނަށް އެއްގޮތަކަށް ވެސް ރަނގަޅު ގޮތަކަށް ނުވާނެ. އެހެންވީމަ، ހުޅުމާލޭގަ ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން، މާލެ ސިޓީގެ ރައްޔިތުން މިކަމުގައި ވަރަށް ސީރިއަސްކޮށް ވިސްނާ، ސަރުކާރާއިއެކުގަ މަސައްކަތް ކުރާނެ، ސަރުކާރުގެ ވިސްނުމުގެ ކެންޑިޑޭޓަކު ރައްޔިތުންނަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކެންޑިޑޭޓަކު ހޮވުން، އެއީ ޢާޒިމާ ޝަކޫރު.“ ރައީީސް ވިދާޅުވިއެވެ.

ރައީީސް ވަނީ މާލޭގެ އެއް އަވަށް ކަމުގައިވާ ވިލިމާލޭގެ ރައްޔިތުންނަށް ވެސް މެސެޖެއް ދެއްވަވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން ކައުންސިލުން ހުއްދަ ނުލިބިގެން، ވިލިމާލޭގައި ވެސް ނުކުރެވި ހުރި އެތައް ކަމެއް އެމަނިކުފާނުގެ ސަރުކާރުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އެގޮތުން ތެޔޮ ބޯޓުތައް ފަޅުތެރެއިން ނެރެފައިވާއިރު، ފައިބަރު ދޯނީގެ މަސައްކަތްތަކަށް މިހާރު ދާއިމީ ތަނެއް ހުޅުމާލެއިން ހަމަޖެހި ހައެއްކަ މަސް ތެރޭގައި އެތަނަށް ޢަމަލީ ގޮތުން މަސައްކަތް ބަދަލު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.