ވިލިމާލޭގެ ރައްޔިތުން ވެސް، އެ އަވަށަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފުރިހަމަ ތާއީދާއި އެއްބާރުލުން ދޭނެ މޭޔަރަކު ހޮވުމަށް އެމަނިކުފާނު އިލްތިމާސް ކުރައްވައިފިއެވެ.
ޗައިނާގައި ހުންނަވާ ރައީީސް މުޢިއްޒު ދެއްވި ޚާއްޞަ ވީޑިއޯ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު މޭޔަރުކަމުގައި ހުންނެވިއިރު، އޭރުގެ ސަރުކާރުން ނުކޮށްދިން ކަންކަން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އައު ސަރުކާރުން ފަށައިގެން ކުރިއަށްދާ ކަމަށާއި، ތެޔޮ ބޯޓުތައް ވިލިމާލެ ފަޅުތެރެއިން ނެރެފައިވާއިރު، ފައިބަރު ދޯނީގެ މަސައްކަތްތަކަށް ދާއިމީ ތަނެއް ހުޅުމާލެއިން ހަމަޖެހި ހައެއްކަ މަސް ތެރޭގައި އެތަނަށް ޢަމަލީ ގޮތުން މަސައްކަތް ބަދަލު ކުރެވިގެންދާނެ ކަމަށެވެ.
ރައީީސް މުޢިއްޒު ވަނީ ވިލިމާލޭގައި ޓާޝަރީ ފެންވަރުގައި 100 އެނދުގެ ހޮސްޕިޓަލު އެޅުމަށް ޗައިނާއާއިއެކު އެއްބަސްވެވި، އެކަން ވެސް ހިލޭ ކުރުމަށް މަގުފަހިވެގެން ގޮސްފައިވާކަން ވެސް ފާހަގަކުރައްވައިފައެވެ.
”އެހެންވީމަ، ވިލިމާލޭގެ ރައްޔިތުންވެސް މި ކަންކަމުގަ، އަޅުގަނޑާއިއެކީގަ މަސައްކަތް ކުރާނެ، ފުރިހަމައަށް ތާއީދު ދޭނެ، އެއްބާރުލުން ދޭނެ މޭޔަރަކު ހޮވުމަކީ މުހިންމު ކަމެއް. ކެންޑިޑޭޓް ނަމްބަރު ތިނެއް ޢާޒިމާ ޝަކޫރަކީ އެކަން ކުރައްވާނެ ބޭފުޅާކަން ޔަޤީން.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ހުންނެވީ ރެއާއި ދުވާލު، މާލެއަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ތެދުވެވަޑައިގެން ކަމަށް ވިދާޅުވެ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަށް ކ.ފުށިދިއްގަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢު އެމަނިކުފާނުގެ ސަރުކާރުން ފަށައިފައިވާކަން ފާހަގަކުރެއްވިއެވެ.
