ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލު އަޅަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީީސް މިކަން ހާމަ ކުރެއްވީ މާލޭގެ މޭޔަރު ހޮވަން މާދަމާ ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝުކޫރަށް ވޯޓް ދެއްވުމަށް އެދިވަޑައިގެން ޗައިނާގައި ހުންނަވައިގެން ރައީސް އާންމުކުރެއްވި ވީޑިއޯ މެސެޖުގައެވެ.
މެސެޖެއްގައި ވިދާޅުވީ ވިލިމާލޭގެ ހޮސްޕިޓަލް އަޅަން ޗައިނާގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަަމަށެވެ.
”ހޮސްޕިޓަލްގެ މަސައްކަތް އިރާދަކުރެއްވިއްޔާ ޗައިނާގައި މިހާރު އަޅުގަނޑުމެން ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން މި ވަނީ މަގުފަހިވެފައި. ހިލޭ އިރާދަކުރެއްވިއްޔާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅިގެން ދާނެ.“ ރައީީސް ވިދާޅުވިއެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމިކަން ސަރުކާރުން އިއުލާންކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މި ހޮސްޕިޓަލު ތަރައްޤީ ކުރަނީ އެންމެ ޒަމާނީ ޚިދުމަތްތަކާއިއެކުގައި ކަމަށެވެ.
