ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވަރަށް ގިނަ ދާއިރާތަކުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރެވުނުއިރު، އެ ދާއިރާތައް އެމަނިކުފާނު ވިދާޅުވެދެއްވައިފިއެވެ.
ޗައިނާއަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލައްވައި، ރައީީސް މުޢިއްޒު މިއަދު ވަނީ މާލެ ވަޑައިގެން، ވީ.އައި.އޭގައި ނޫޫސްވެރިންނާއި ބައްދަލުކުރައްވައިފައެވެ.
ޗައިނާ އާއިއެކު 20 އެއްބަސްވުމެއްގައި ރާއްޖެއިން ސޮއި ކުރިއިރު، ރައީީސް ވިދާޅުވީ އޭގެ ތެރޭގައި، ޑިޖިޓަލް އިކޮނޮމީ ތަރައްޤީ ކުރުމުގެ ދާއިރާ، ލޯ ކާބަން ގްރީން އިކޮނޮމީ، ގްރީން އިންވެސްޓްމެންޓްގެ ދާއިރާ، ދަޢުލަތުގެ މީޑިއާ ތަރައްޤީ ކުރުމުގެ ދާއިރާ އާއި، އިންސާނީ ވަސީލަތްތައް ޤާއިމު ކުރުމުގެ ދާއިރާ އިން 1000 ސިވިލް ސާވަންޓުން އެކި ދާއިރާތަކުން ތަމްރީނު ކުރުމަށް ފުލީ ފަންޑެޑް ސްކޮލަރޝިޕްތަކެއް ހަމަޖެހިގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން އިޤްތިޞާދީ، އަދި ދަނޑުވެރިކަމުގެ ދާއިރާގެ މުހިންމު އެއްބަސްވުންތައް ހިމެނޭކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
”އެގްރިކަލްޗަރގެ ދާއިރާ އިން ހަމަ، ފުޑް ސެކިއުރިޓީ ޤާއިމު ކުރުމަށްޓަކައި، އެގްރިކަލްޗަރ އިންޑަސްޓްރީ ފުޅާކޮށް ތަރައްޤީ ކުރުމާއި ގުޅޭގޮތުންނާއި، ޓޫރިޒަމްގެ ދާއިރާ ފުޅާ ކުރުމާއި ގުޅޭގޮތުން ވެސް، އެއްބަސްވުންތައް ހެދިގެން ދިޔަ.“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާާއްޖެއަށް ދޭ ހިލޭ އެހީގެ އެއްބަސްވުންތައް ވެސް ހިމެނެއެވެ.
ރައީސް ވަނީ، މިއީ ޗައިނާގެ ރައީީސް ޝީ ޖިންޕިން، 2024 ވަނަ އަހަރު، ބޭރުގެ ޤައުމެއްގެ ވެރިޔަކަށް ދެއްވި އެންމެ ފުރަތަމަ ދަޢުވަތަށް، އެމަނިކުފާނު ވެސް ކުރެއްވެވި އެންމެ ފުރަތަމަ ސްޓޭޓް ވިޒިޓް ކަމަށާއި، އެކަމަށްޓަކައި ޗައިނާގެ ރައީސްއަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
