ރާއްޖެއިން ބޭރުން އާސަންދައިގެ ޚިދުމަތް ލިބޭ ޤައުމުތަކުގެ ގޮތުގައި ޔޫއޭއީ އާއި ތައިލެންޑް ހަމަޖައްސަން ސަރުކާރުން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މިއަދު ޗައިނާއިން ވަޑައިގެން، މިކަން މީޑިއާއަށް ހިއްސާ ކުރައްވައިފައެވެ.
ރައީސް ވިދާޅުވީ އާސަންދަ އަކީ ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުން ކުރެވޭ އެއްޗަކަށް ހެދުމުގެ ބަދަލުގައި، އެއަށްވުރެ ފެންވަރު ރަނގަޅު ރަނގަޅު ޤައުމުތައް ކަމުގައިވާ ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ފުޅާ ކުރައްވާނެ ކަމަށެވެ.
”އަދި އެތަނަށް ދާއިރުގަ، އެތަނުގެ އެކަމަޑޭޝަން އެކްސްޕެންސެސް ވެސް ހިމެނޭ ގޮތަށް އިރާދަކުރެއްވިއްޔާ، އާސަންދަ ފުޅާ ކުރާނަން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އޭރުން ދިވެހި ރައްޔިތުން، ރާއްޖޭގެ ސިއްޙީ ޚިދުމަތް ތަރައްޤީ ވަންދެން، އެ ޚިދުމަތް ހޯދަން ދާނީ މިހާރު ދާ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ތަންތަނަށް ކަމަށެވެ.
”އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް މިކަންކަން ހަމަޖައްސައިދޭނަން.“ ރައީސް ވިދާޅުވިއެވެ.
ރައީީސް މިހެން ވިދާޅުވީއިރު، ދިވެހީން އާއްމުކޮށް ބޭސް ފަރުވާގެ ޚިދުމަތް ހޯދަނީ އިންޑިއާ އިންނެވެ.
