މާލެ ސިޓީގެ މޭޔަރު ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބު ކާމިޔާބު ނުކުރެވުނީ، އެ އިންތިޚާބަށް ދޭން ޖެހޭ ސަމާލުކަން ނުދެވުމުން ކަމަށް ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރާއި، މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރަން އިއްޔެ ބައި-‏އިލެކްޝަން ބޭއްވިއެވެ. މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވީ، އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވި އާދަމް ޢާޒިމްއެވެ. ޕީޕީއެމް-‏ޕީއެންސީއަށް ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑީގެ ތެރެއިން، ދެގޮނޑި ކާމިޔާބު ކުރެވުނެވެ.

ރޭ ނޫސްވެރިންނާއި ބައްދަލުކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ، މި އިންތިޚާބުގައި މޭޔަރުގެ ގޮނޑި ގެއްލުމުން، ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށާއި، އެކަން އެހެން ދިމާވީ، އައު ސަރުކާރު އެކުލަވައިލުމުގެ މަސައްކަތުގައި ބުރަކޮށް އުޅެން ޖެހުމުން ކަމަށެވެ.

”މި ލިބުނު ނަތީޖާއިން މި ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން އިރާދަކުރެއްވިއްޔާ، އިންތިޚާބުތައް ކާމިޔާބު ކުރުމުގެ މަސައްކަތް މިއަށްވުރެ ވަރުގަދަޔަށް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން މެމްބަރުންނަށް އަރުވަން.“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މާލޭގެ މޭޔަރުކަމުގެ އިންތިޚާބުގެ ކާމިޔާބު ކުރެއްވި އާދަމް ޢާޒިމަށް ފޯނުން ގުޅުއްވައި، މަރުޙަބާ ވިދާޅުވެފައެވެ. އަދި މޭޔަރަށާއި، ސިޓީ ކައުންސިލަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.