ިމި އަހަރުގެ މާޗު މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 700 ވޯޓްފޮށި ބަހައްޓާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން ބުނެފައި ވަނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ބެހެއްޓި ވޯޓްފޮށިތަކަށް ވުރެ އިތުރަށް މަޖިލިސް އިންތިހާބުގައި ވޯޓްފޮށި ބަހައްޓަން ނިންމީ އިންތިޚާބު ބާއްވަން އޮތީ ރޯދަ މަހަށްވުން ވޯޓްލުން ވީހާ ވެސް ފަސޭހަކޮށް، އަވަސްކުރުމުގެ ގޮތުން ކަމަށެވެ.
އީސީން ފާހަގަކޮށްފައިވާ ގޮތުގައި ވޯޓްފޮށިތަކުގެ އަދަދު ގިނަކޮށް، ކޮންމެ ފޮއްޓަކަށް ވޯޓްލާ މީހުންގެ އަދަދު މަދުކުރުމުން އިންތިޚާބުގެ ކަންކަން އަވަސްވެގެން ދާނެއެވެ.
އެގޮތުން ކޮންމެ ފޮއްޓަކަށް ރަޖިސްޓްރީކުރަން ނިންމާފައި ވަނީ 500-600 އާ ދެމެދުގެ މީހުން ކަމަށް ވެސް އީސީން ބުންޏެވެ.
ކޮމިޝަނުން ބުނީ މަޖިލިސް އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ދިވެހި އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓު އޮފީހެއް ހުންނަ، އަދި މަދުވެގެން 150 މީހުން ރެޖިސްޓްރީކުރާ ޤައުމުތަކުގައި ކަމަށެވެ.
މީގެ އިތުރުން މަދުވެގެން 30 މީހުން ރެޖިސްޓްރީކުރާ ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ހަދަމުން އަންނަ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓާނެއެވެ.
މަޖިލީހުގެ 20 ވަނަ ދައުރަކަށް މެންބަރުން އިންތިޚާބު ކުރަން ބާއްވާ އިންތިހާބު އޮންނާނީ މާޗް މަހުގެ 17 ގައެވެ.
