ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެލި ހަލުވި ކުރުމަށް އައު ކުންފުންޏެއް އުފައްދަން ނިންމައިފިއެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތަފުސީލުތައް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ, ސަރުކާރުން ކުރިއަށް ގެންދާ އިންފްލާސްޓްރަކްޗާގެ ގިނަ މަސައްކަތްތައް ހުއްޓިފައި ހުރުމަށް ހައްލެއް ގެނައުމުގެ ގޮތުން، އެމްޓީސީސީ އިތުރުން އެ ފަދަ އެހެން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ.

”އިތުރު ކުންފުންޏެއް ހެދުމުގެ ވާހަކަ، މިހާރު އެމްޓީސީސީގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް 100 އެތައް ޕްރޮޖެކްޓެއް ފުނިޖެހިފައި ހުރުމާއެކު އެމްޓީސީސީގެ ކެޕޭސިޓީގައި އެ ހުރިހައި މަސައްކަތްތައް ކުރުމުގެ ކެޕޭސިޓީނެތީމަ, ކޮންމެ ކުންފުންޏަކަށް ވެސް ހޭންޑަލް ކުރެވޭނީ ވަކިވަރަކަށްވާތީ“ ނާޒިމް ވިދާޅުވިއެވެ.

ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، ދައުލަތުގެ ކުންފުނިތައް ގިންތި ކުރެވޭ އުސޫލު މުރާޖަޢާކޮށް، ކުންފުނިތަކުގެ ޕާފޯމެންސް ރަނގަޅު ކުރުމަށް ޝައުގުވެރިކަން އިތުކުރެވޭނެހެން ވަކި ވަކި ކުންފުނިތަކަކަށް ހާއްސަ ކީ ޕާޕޯމެންސް އިންޑިކޭޓާސް ކަނޑައަޅާ ތިން މަސް ދުވަހުގެ ތެރޭގައި ތަންފީޒުކުރުން ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ނެޝަނަލައިޒްކޮށް ބާއްވާނެ ކުންފުނިތަކާއި ޕަބްލިކް، ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހިންގާނެ ކުންފުނިތަކާއި އާންމުންނަށް ހިއްސާ ވިއްކައިގެން ހިންގާނެ ކުންފުނިތައް ދެނެގަނެ އެކުލަވާލަންޖެހޭ ސިޔާސަތު ތިން މަސް ދުވަހުގެ ތެރޭގައި ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ދައުލަތް ހިއްސާވާ ކުންފުނިތަކަށް ސަބްސިޑީ ދޭން ޖެހޭ ހާލަތްތަކާއި ސަބްސިޑީ އާއި ކެޕިޓަލް ދޭނެ އުސޫލު 3 މަސް ދުވަސް ތެރޭގައި ކަނޑައެޅުމަށްވެސް ނިންމަވާފައިވާ ކަމަށެވެ.