ރާއްޖޭގައި އިންފުލުއެންޒާ ފެތުރެމުންދާ ކަމަށާއި، މި ބަލީގެ ސަބަބުން ތިން މީހަކަށް މި ވަގުތު އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އެތެރެހަށީގެ ޑޮކްޓަރު މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.
ޑރ.މުޙައްމަދު ޢަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިން ޒުވާނަކަށް އައިޖީއެމްއެޗުން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދަނީ އިންފުލުއެންޒާގެ ނިއުމޯނިއާ ޖެހިގެން ކަމަށެވެ.
އިންފްލުއެންޒާގެ އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ޖެހިފައިވާ މީހަކު މިދިޔަ މަހުގެ މަރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، އިންފުލުއެންޒާ ޖެހިފައި ހުރި މީހަކު މަރުވިއިރު، އޭނާ މަރުވީ އެ ބަލީގައިކަން ކަށަވަރު ނުވާ ކަމަށެވެ. މަރުވި މީހާގެ ޞިއްޙީ އިތުރު މައްސަލަތައް ވެސް ހުއްޓެވެ.
ޑރ.މުޙައްމަދު ޢަލީ ވިދާޅުވި ގޮތުގައި ބަލި ފެތުރެމުން އައި ނަމަވެސް ޕެންޑެމިކް ނުވަތަ ބަލިމަޑުކަމުގެ ޙާލަތަކަށް ގޮސްދާނެ ކަމަކަށް ނުބެލެވެއެވެ.
