ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީކުރި އާ ކާގޯ ޓާމިނަލް ހުޅުވައިފިއެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އާ ކާގޯ ޓާމިނަލް ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިއީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

އާ ކާގޯޓާމިނަލް ތިން ބަޔަކަށް ބަހާލާފައި ވާނެ ކަމަށާއި އެގޮތުން އެކްސްޕޯޓު ޓާމިނަލްއަކާއި އިމްޕޯޓު ޖެނެރަލް ޓާމިނަލްއެއްގެ އިތުރުން ޕެރިޝަބަލް އިމްޕޯޓްސްއަށް ޚާއްޞަ ސަރަހައްދެއް އާ ކާގޯ ޓާމިނަލުގައި ހުންނާނެކަމަށް އެމްއޭސީއެލްއިން އިން މީގެކުރިން ވަނީ ބުނެފައެވެ.

އާ ކާގޯ ޓާމިނަލްއާއެކު ޖުމްލަ 500 މުވައްޒަފުން ކާގޯ ޓާމިނަލްގެ މަސައްކަތަށް އިތުރުވާނެއެވެ.

މިހާރު ވީއައިއޭގެ ކާގޯ ޓާމިނަލްގައި އަހަރަކު 50،000 ޓަނުގެ މުދާ ހޭންޑްލް ކުރެއެވެ. ނަމަވެސް އާ ކާގޯ ޓާމިނަލް އާއެކު މިއަދަދު 120،000 ޓަނަށް އިތުރު ވާނެކަމަށް އެމްއޭސީއެލްއިން ލަފާކުރެ އެވެ.