މި އަހަރުގެ މިހައިތަނަށް 19 މީހަކު އިންފުލުއެންޒާ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހައިތަނަށް 19 މީހަކު ވަނީ އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައެވެ.
އޭގެ ތެރޭގައި ހިމެނެނީ H3N2 އަށް ޕޮޒިޓިވްވެފައިވާ 10 މީހަކާއި H1N1 އަށް ޕޮޒިޓިވްވެފައިވާ 8 މީހުންނެވެ. އަދި މިހައިތަނަށް އެކަކު އިންފްލުއެންޒާ ބީ އަށް ވެސް ވަނީ ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭ އިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އިންފްލުއެންޒާއަކީ އާއްމުކޮށް ފެތުރޭ ނޭވާލާނިޒާމަށް ޖެހޭ ބައްޔެކެވެ. އަދި ބައެއް ދުވަސްވަރު ބަލި ފެތުރޭ މިންވަރު އިތުރުވާއިރު އިންފްލުއެންޒާ އަދި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމީ ވެކްސިން ޖެހުން ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
