ސިރިޔާއަށް ހަނގުރާމައަށް ގޮސް، ޙާލުގައި ޖެހިފައި ތިބި، 21 ދިވެހިން މިއަދު ރާއްޖެއަށް ގެނެސްފިއެވެ.
ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޢަލީ އިހްސާން ވިދާޅުވީ، ސިރިޔާ އާއި ތުރުކީ ގުޅޭ ބޯޑަރުގައި ދިވެހި 5 ޢާއިލާއެއް ހާލުގައި ޖެހިފައިވާ ކަމަށެވެ.
އެމީހުން ރާއްޖެ އަންނަން ބޭނުންވާކަމުގެ މަޢުލޫމާތު ދިވެހި ސަރުކާރަށާއި އެ މިނިސްޓްރީއަށް ވެސް ލިބުނު ކަމަށާއި، އެ ޢާއިލާތަކުގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި، ފިރިހެނަކާއި، 18 އަހަރު ނުފުރޭ 15 ކުޑަކުދިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެމީހުންނަކީ ދިވެހިންކަން ކަށަވަރު ކުރުމަށް ޑީއެންއޭ ޓެސްޓް ހަދައި، މިނިސްޓްރީން ވަނީ އެއީ ދިވެހިންކަން ކަށަވަރު ކޮށްފައެވެ.
މިނިސްޓްރު އިހްސާން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަަމަ ތުރުކިޔޭ އަށް ކުރެއްވި ދަތުރުފުޅުގައި، އެ ދިވެހިން އަވަހަށް ރާއްޖެ ގެނައުމުގެ މަޝްވަރާތައް ތުރުކީއާ އެކު ކުރެވިފައިވާ ކަމަށެވެ.
ސީރިޔާގެ ހަނގުރާމައިގައި ޙާލުގައި ޖެހުނު 21 ދިވެހީން ރާއްޖެ ގެނައުމަށް 1.8 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.
