ހުއްދަ ނެތި ދެ ކުންފުންޏަކުން އުމްރާ އަށް މީހުން ގެންދަން ފައިސާ ނަގަމުންދާކަން އިސްލާމިކް މިނިސްޓްރީން އާއްމުންގެ ސަމާލު ކަމަށް ގެނެސްފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހުއްދަ ނެތި ޢުމްރާ އަށް މީހުން ގެންދަން ފައިސާ ނަގަމުން އަންނަނީ އަލް މަޝްޢަރު ޙައްޖު އުމްރާ އާއި ވަޑި ޙައްޖު އެންޑް އުމްރާއިން ކަމަށެވެ.

މި ދެ ކުންފުނިން މިނިސްޓްރީގެ ހުއްދަ ނެތި އުމްރާގެ އަޅުކަމަށް މީހުން ގެންދިޔުމަށްޓަކާ އިއުލާންކޮށް ފައިސާ ނަގަމުންދާކަން ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފާހަގަވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއީ މަނާ ކަމެއް ކަމުގައި ވާތީ މިކަން މިގޮތަށް ނުކުރުމަށާއި މިފަދަ ފަރާތްތަކަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް ފައިސާ ނުދެއްކުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިނިސްޓްރީން ވަނީ އުމްރާގެ ހިދުމަތް ދިނުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓް މިހާރު މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށާއި މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.