ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާ ކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި، ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް އެމްއެންޑީއެފްއަށް ހޯދައިދިނުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކޮށް ޤައުމީ ދިފާއީ ބާރުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު އަސާސީ އާއި ދިވެހި ދައުލަތް ދިފާއުކޮށް ހިމާޔަތް ކުރުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ދެމެހެއްޓުމާއި، ރާއްޖޭގެ ސަރަހައްދާއި ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ދިފާޢުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ރާއްޖެއަށް ދިމާވާ ޤުދުރަތީ ކާރިސާތަކާއި އަދި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނާ އާއި މުދާ ސަލާމަތް ކުރުމުގައި އިސްވެ ހަރަކާތްތެރިވުމާއި، ކަނޑުމަތީގައި ޙާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތް ކުރުމާއި، ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނަ އާއި މުދާ ސަމާލަަަތް ކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައި ވަނީ ދިވެހި ސިފައިންނަށް ކަމަށެވެ.

އަދި ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ރާއްޖޭގެ ސަރަހައްދުގައި ހިނގާފާނެ ޓްރެފިކިންގ އާއި މެރިޓައިމް ޓެރެރިޒަމް ފަދަ ”ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސް“ތައް ހުއްޓުވުމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ އެކްސިޑެންޓްތަކާއި އެހެނިހެން ހާދިސާތަކުގައި މީހުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމަށް ހިންގަން ޖެހޭ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި އިސްވެ ހަރަކާތްތެރިވާން ޖެހޭނީ ވެސް އެމްއެންޑީއެފް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ އެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަޝްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ޤާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއްކަންތައްކަމަށެވެ.

އެހެންކަމަށް ވުމާއިއެކު ސިފައިންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގައުމީ ސަލާމަތާއި ބެހޭ މަޖިލީހުގެ ލަފަޔާއި، ދިވެހި ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާ ކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި، ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް އެމްއެންޑީއެފްއަށް ހޯދައިދިނުމުގެ ކުރަން ޖެހޭ ކަންކަން ކުރަމުންދާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.