އދ. ދިގުރަށު ކުނި ގޮނޑުގައި މަރުވެފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީ އަންހެންމީހާގެ މައްޗަށް ދަޢުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެއެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން ދަޢުވާ އުފުލާފައިވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ.
ދިގުރަށުގައި މި މަހުގެ ތެރޭގައި ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާވަނީ މިމަހުގެ 11 ވަނަ ދުވަހު ވަޅުލާފައެވެ.
ތުއްތު ކުއްޖާގެ ހަށިގަޑު ވަޅުލާފައި މިވަނީ އދ. ދިގުރަށުގައި ވިހެއުމަށްފަހު އެއްލާލާފައި އޮއްވާ ތުއްތު ކުއްޖާ ފެނުނުތާ މަހަކަށްވުރެވެސް ގިނަ ދުވަސް ފަހުންނެވެ. އެކުއްޖާ އެއްލާލާފައި އޮއްވާ ފެނުނީ ފާއިތުވި ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ.
އެއަށްފަހު ތުއްތު ކުއްޖާގެ ހަށިގަނޑު ދެ ހަފުތާ ފަހުން ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިވަނީ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ.
ޕޯސްޓު މޯޓަމަށް ފަހު ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު ކުއްޖާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައިވާއިރު، ކުއްޖާގެ ހަށިގަނޑު މިހާތަނަށްވެސް ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގައެވެ.
މަރުވި ކުއްޖާ ވަޅުލާފައި އާއިލާއާއި މަޝްވަރާ ކުރުމަށްފަހުއެވެ. އަދި ކަށުނަމާދު ނުކޮށް ތުއްތު ކުއްޖާ ވަޅުލާފައިވަނީ އެއީ އައިރު މުސްލިމަކަށް ލިބިފައިވާ ކުއްޖަކަށް ވާތީއެވެ. ވަޅުލާފައި މިރޭ 9:00 ގައި ހުޅުމާލެ ސަހަރާގައެވެ.
ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެންވަނީ ބަންދު ކޮށްފައެވެ.
މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ސްރީ ލަންކާގެ 30 އަހަރުގެ އަންހެނެކެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެ އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމުގައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެ އަންހެން މީހާ ހައްޔަރު ކޮސްފައިވަނީ ފުރަންގޮސް ހުއްޓާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކަމުގައެވެ.
