އާސަންދައިގެ ދަށުން ތައިލެންޑާއި ޔޫއޭއީއަށް ބޭސް ފަރުވާއަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދައިގެ ޚިދުމަތް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ޔޫއޭއީއާއި ތައިލެންޑުން ވެސް އެ ޚިދުމަތް ލިބޭގޮތަށް ޚިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެން މީޑިއާތަކަށް ދެއްވި ބަޔާނުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެއިން ބޭރުން ސިއްޙީ ޚިދުމަތް ހޯދުމުގައި ވަކި ޤައުމެއްގައި ހުންނަ، އެ ޚިދުމަތްދޭ ތަންތަނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި މިހާރަށްވުރެ ރަނގަޅު ފެންވަރުގެ ޚިދުމަތް ލިބުމަށް މަގުފަހިވެގެންދާނެ ކަމުގައެވެ.

މި ޚިދުމަތް ފުޅާކުރައްވާއިރު އެކަން ކުރައްވާނީ އެކޮމަޑޭޝަންގެ ޚަރަދުވެސް އާސަންދައިގެ ތެރެއިން ހަމަޖެހިގެންދާ ގޮތަށްކަމުގައި ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ވައުދާއި އެއްގޮތަށް، މަސައްކަތް ފަށައި އާސަންދަ ކުންފުނިން ބުނީ އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

މިވަގުތު އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރަށް ބަލި މީހުން ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާ އަދި ސްރީލަންކާއަށް ކަމަށެވެ.

އެކަމަކު ކުރިއަށް އޮތް ތަނުގައި ތައިލެންޑާއި ޔޫއޭއީއަށް ވެސް ސްކީމުގެ ދަށުން ބަލި މީހުން ފޮނުވުމަށް ރައީސް މުއިއްޒު ނިންމަވާފައިވުމާއިއެކު އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތަކާއިއެކު ކުރިއަށްދާ ކަމަށް ވެސް ބުނެފައިވެއެވެ.

އާސަންދަ ކުންފުނިން ވަނީ ބައެއް ނޫސްތަކުން އެ ކުންފުންޏާއި އަދި ޚިދުމަތާއި ގުޅޭގޮތުން ހަގީގަތް އޮޅިގެންދާ ފަދަ ގޮތަކަށް މައުލޫމާތު ދެމުން ގެންދާތީ އެކަން ވެސް އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.

އެގޮތުން އެ ކުންފުނިން ޚިދުމަތްތައް ފުޅާކުރުމާއި ދެކޮޅުކަމަށް ބުނެ ބައެއް ނޫސްތަކުން ޝާއިޢު ކޮށްފައިވާ ޚަބަރުތަކުގައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބަކަށް ރިޢާޔަތްކޮށް ކަމަށް އާސަންދައިން ބުނެއެވެ.

އަދި އޭރު ހިދުމަތްތައް ފުޅާކުރުމުގެ ވިސްނުމެއް ނެތްކަމަށް ކުންފުނީގެ އެމްޑީ އައިމިނަތު ޒީނިއާ ވިދާޅުވިއިރު ޚިދުމަތްތައް ފުޅާކުރުމަށް ނިންމައި އިޢުލާނު ކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.