މިދިޔަ އަހަރު ”އާބަންކޯ“ އަށް ރިބްރޭންޑްކުރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ނަން ބޭނުން ކުރުން ހުއްޓައިލައިފިއެވެ.

މިކަން ހާމަކޮށް އެ ކުންފުނިން އެކްސް އާއި ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ ދައްކުވައިދޭ ގޮތަށް ލޯގޯ އާއި ބްރޭންޑް ނަން ބަދަލުކޮށް، އެޗްޑީސީގެ ގޮތުގައި، ކޯޕަރޭޓް އައިޑެންޓިޓީ އަލުން އިޔާދަ ކުރިކަން އުފަލާއެކު އިޢުލާނުކުރާ ކަމަށެވެ.

އެޓްޑީސީން ބުނީ، އެންމެ ފަހުން އެ ކުންފުނިން ބޭނުންކުރި، ”އަރބަންކޯ“ގެ ނަމުގެ ބަދަލުގައި އެޗްޑީސީ ބޭނުންކުރަން ނިންމާފައިވަނީ، ކުންފުނީގެ ނަމާ ގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށް ކަމަށެވެ.

”މި ކޯޕަރޭޝަނުގެ ނަން އަރބަންކޯ އަށް ރީބްރޭންޑްކޮށްފައި ވިޔަސް، އެ ނަމަށް ޤާނޫނީ ހައިސިއްޔަތު ލިބިފައެއް ނުވެއެވެ. ޤާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހައިތަނަށްވެސް ބޭނުންކުރަމުން ދަނީ އެޗްޑީސީއެވެ.“ އެޗްޑީސީން މިއަދު ބުންޏެވެ.

 

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އުފެއްދީ، ކުރީގެ ރައީސުލްޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުން 2001 ވަނަ އަހަރުއެވެ.

”މިއަދު އަޅުގަނޑުމެންނަކީ އާބަން ޑިވެލޮޕްމެންޓް ދާއިރާއިން ރާއްޖޭގެ އެންމެ ތަޖުރިބާހުރި ކޯޕަރޭޝަންއެވެ.“

އެޗްޑީސީގެ ނަމާއި ލޯގޯވެސް މިއަދު ވަނީ ބަދަލުކޮށްފައި: ފޮޓޯ/ އެޗްޑީސީ

 

އެޗްޑީސީގެ ޕޯޓްފޯލިއޯގައި ހިމެނޭ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނެއެވެ.

މީގެ އިތުރުން ތިލަފުށި، ރަސް މާލެ އަދި ހުޅުމާލެ ފޭސް 3 ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ހުއްޓުމެއްނެތި ކުރިއަށް އެބަދެއެވެ.

އެޗްޑީސީން ބުނީ އެ ކުންފުނިން އެންމެ އިސްކަންދޭ ކަމަކީ ތަރައްޤީގެ މަސައްކަތްތަކަކީ އިޤްތިޞާދީ ގޮތުން ފައިދާ ހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުން ކަމަށެވެ.

”މިކަން ހާސިލް ކުރުމަށް މިކޯޕަރޭޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ބޯހިޔާވަހިކަން ތަރައްގީކޮށް އެންމެނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. މި ކޯޕަރޭޝަންގެ އަމާޒަކީ ތަރައްޤީކުރާ ސިޓީތަކުގައި އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން، އަދި ތިމާވެށިގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުމެވެ.“

އެޗްޑީސީ އެންމެ ފުރަތަމަ އުފެއްދީ 2001 ވަނަ އަހަރު ރައީސް އޮފީހުން ހިންގާ ވަކި ޔުނިޓެއްގެ ގޮތުގައެވެ.

އޭގެފަހުން އެޗްޑީސީގެ ނަން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމަށްވެސް ބަދަލުކުރިއެވެ.