ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރުކުރުމަށްޓަކައި ”ފަހި ފަތުރުވެރިކަމަށް އަންހެނުން“ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ.
މި ޕްރޮގްރާމް ލޯންޗު މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުުޙައްމަދު ސަޢީދުއެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ވެގެންދިޔައިރު މި ދާއިރާއަކީ ވަޒީފާގެ ބާޒާރުގައި އެންމެ ގިނަ ފުރުސަތު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހުޅުވިފައިވާ ދާއިރާ ކަމަށެވެ.
މިނިސްޓަރު ވަނީ އުފެއްދުންތެރިކަމުގެ ނިސްބަތަަށް ބަލާނަމަ 2022 ވަނަ އަހަރު ނިމުނުއިރު، ފަތުރުވެރިކަމާއި ފަތުރުވެރިކަމާއި ގުޅުން ހުރި ދާއިރާތަކުން ސީދާ 40 އިންސައްތަ ޖީޑީޕީގައި ހިއްސާ ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
2022 ވަނަ އަހަރުގެ ބޯހިމެނުމުގައި ދައްކާ ގޮތުގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި އަންހެނުންގެ އިންސައްތަ ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ދާއިރާތަކުން ތަޖުރިބާކާރު މެންޓަރުންނާއެކު އެބޭފުޅުން މަސައްކަތް ކުރާ މާހައުލުގައި ދަރިވަރުން ގޮތަށް ތިންމަސް ދުވަސް ހޭދަކޮށް ޢަމަލީ ތަޖުރިބާ ލިބިގެން ދާނެ ގޮތަށެވެ.
