ރަށު ފެންވަރުގައި ރައްޔިތުން ކުރާ މަސައްކަތްތަކާއި ރައްޔިތުންގެ މަންފާއަށް ބޭނުންކުރެވޭ ގޮތަށް ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްތައް ދޫކުރުމާއި ބެހޭ ޤަވާއިދަށް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެނައި އިޞްލާހުގައެވެ. މި އިޞްލާހު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ވާއިދުގެ ދަށުން ކައުންސިލްތަކުގެ އިޚްތިސާސްގައި ނުހިމެނޭ ފަޅުރަށްތަކަށް ވެސް އެދެވޭނެއެވެ.

އައު ޤަވާއިދުގެ ދަށުން ފަޅު ރަށްތަކުގައި ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުމާއި، ތަކެތި ގުދަންކުރުމާއި، ކުކުޅާއި ގެރިބަކަރި އަދި ދޫނި ގެންގުޅުމާއި، މަސް ކައްކައި ހިއްކުމާއި، ލޮނުމަހުގެ މަސައްކަތް ކުރުމާއި، ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުމާއި، އެކުއަކަލްޗާގެ މަސައްކަތް ކުރުމާއި، ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުމާއި، ދިރޭމަސް ގެންގުޅުމާއި، އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުމާއި، ފައިބަރާއި ވަޑާމުގެ މަސައްކަތްތައ ކުރެވޭނެއެވެ.

އާމްދަނީ ހޯދުމަށް ރަށްތަކުގައި ކުރަމުން އަންނަ ބައެއް މަސައްކަތްތަކަށް ކައިރި ރަށްތައް ދިނުމަށް ކައުންސިލްތަކުން އެދެމުން އަންނައިރު،  ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމާއެކު އެކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

މި ނިންމެވުމުގެ ސަބަބުން، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުމަށް އިންޤިލާބީ ފިޔަވަޅެއް އެޅިގެންދާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެއެވެ.

ފަޅުރަށްތައް ކައުންސިލްތަކަށް ދޫކުރާނީ އެ ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ވަޒަންކުރުމަށްފަހުއެވެ. މި ޕްރޮޕޯސަލް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއަށް ހުށަހެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން އެ ޕްރޮޕޯސަލް ފާސްކުރަން ޖެހޭނެއެވެ.

ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހެޅެނީ ސަރުކާރުން ކަނޑައަޅާ ރަށްތަކަކަށެވެ.