ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން އެފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އުސޫލެއް އެކުލަވާލައިފިއެވެ.
މި ޤަވައިދު އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރާކަން އިޢުލާނު ކޮށްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ޤަވައިދުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އެދޭ ވަޒީފާއެއް އަދާކުރުމުގައި އާއި މަސައްކަތް ކުރުމުގައި، މަސައްކަތު މާހައުލުގައި ހަމަހަމަކަން ހޯދައިދިނުމެވެ.
އަދި އެފަދަ އެމީހުންނާ މެދު ތަފާތުކުރުުންތައް ގެންގުޅުން މަނާކުރުމާއި، ވަޒީފާ ދޭ ފަރާތުން އެމީހުން މަސައްކަތް ކުރާނެ ފަދަ މާހައުލެއް ގާއިމުކޮށްދިނުމެވެ.
މީގެ އިތުރުން، އެމީހުން މަސައްކަތުގެ މާހައުލުގައި ޝާމިލު ކުރެވޭނެ ގޮތަށް އުސޫލު ކަނޑައެޅުން ވެސް ހިމެނެއެވެ.
މި ޤަވާއިދުގެ ދަށުން ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ވަޒީފާ ދޭ ފަރާތްތަކުން ކަމާ ބެހޭ ވުޒާރާއިން އެކުލަވާލާ މިންގަނޑުގައިވާ ކަންކަން ފުރިހަމަކުރަން ޖެހެއެވެ.
ޖުމްލަ 10 ބާބުގެ މައްޗަށް އެކުލަވާލާފައިވާ މި ގަވާއިދުގައި 36 މާއްދާ އޮވެއެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން މަސައްކަތުގެ މާހައުލުގައި ހިތްހަމަނުޖެހޭނަމަ ނުވަތަ ޝަކުވާއެއް އޮތް ނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ޤަވައިދުގެ ތެރެއިން ލިބިދެއެވެ.
