ކުއްލި ޙާލަތެއްގައި ބަލި މީހަކު އުފުލަން ޖެހިއްޖެނަމަ، ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލް އިން އެކަމަށް އެންމެ އިސްކަން ދޭން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިކަން ހާމަކުރައްވައި، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވީ، މިއަދުން ފެށިގެން މޯލްޑިވިއަންގެ އުޞޫލަށް ބަދަލު ގެނެވި، އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ.

މިފަދަ އުޞޫލެއް ހަމަޖެއްސެވިއިރު، ގއ.ވިލިނގިލިން އުމުރުން 13 އަހަރުގެ ކުއްޖަކު ފަރުވާއަށް މާލެ ގެނައުން ލަސްވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ ކުއްޖާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ މިއަދުއެވެ.

”އަދި ހޮސްޕިޓަލަކުން އިމަރޖެންސީ ކޭސް އެއްގެ މަޢުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އިމަރޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން!“

މިނިސްޓަރުގެ ޕޯސްޓުގައި، މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށްދާ އެއް ކަމަކީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރުންކަން ފާހަގަކުރައްވައި، މި ޚިދުމަތް ﷲ ގެ ވާގިފުޅާއެކު، 1 މާރިޗް 2024 ގައި ފެށިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ހިނގައިދިޔަ މައްސަލައާ ގުޅޭގޮތުން އައިޖީއެމްއެޗްއިން  ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ވިލިނގިލިން މާލެ ގެނައި ކުއްޖާ ނިޔާވެފައިވަނީ މިއަދުގެ 11:10ގައެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެ ހޮސްޕިޓަލުން ނުދެއެވެ.

މީގެ ކުރިން އެ ކުއްޖާއަށް ދޭންޖެހޭ ފަރުވާ ނުލިބި ލަސްވެގެން ކަމަށް ބުނެ އެ ރަށުގެ ބައެއް މީހުން ހޮސްޕިޓަލު ކައިރިއަށް އެއްވެ އަޑު އުފުލައިފައިވެއެވެ.