މާލެ ކައިރީގައި އޮންނަ ފުނަދޫގައި ހުރި ތެޔޮ ޓޭންކްތައް ބަދަލުކުރަނީ ކ. ތިލަފުށި ކައިރީގައި އޮންނަ ކ. މާގިރިފަޅަށް ކަމަށް ސަރުކާރުން ބުނެފިއެވެ.
ފުނަދޫގައި ޤާއިމު ކޮށްފައިވާ ފިއުލް ފާމް، މާގިރިފަޅަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުގެ ފަރާތުން ހާމަކޮށްފައިވަނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
ތިލަފުށި ކައިރީގައި މާގިރިފަޅު ކިޔާ ފަޅެއް އޮންނައިރު، ހުޅުމާލޭގެ އުތުރުން އޮންނަ ޝެރެޓަން މޯލްޑިވްސް އާއި ކަނޑުއޮތްގިރި ކައިރީގައިވެސް އެ ނަން ކިޔާ ފަޅެއް އޮވެއެވެ.
އެކަމާ ގުޅިގެން ބައެއް ނޫސްތަކުގައި ވަނީ ސްޓޯރޭޖު ބަދަލުކުރަނީ ކަނޑުއޮށްގިރި ކައިރީގައި އޮންނަ މާގިރިފަޅަށް ކަމަށް ރިޕޯޓުކޮށްފައެވެ.
އެ ސަރަހައްދަކީ ގިނަ ރިސޯޓުތަކުން ޑައިވިން އާ ދާ ސަރަހައްދަކަށް ވުމުން ޑައިވަރުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޑައިވަރުން ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި ހަތް ޑައިވް ސައިޓު ހިމެނެއެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދުﷲ މުއްޠަލިބް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ފިއުލް ފާމް ބަދަލުކުރަން ނިންމާފައިވަނީ ޝެރަޓަން ރިސޯޓު ކައިރީގައި އޮންނަ މާގިރިފަޅަށް ނޫން ކަމަށެވެ.
މި ސަރުކާރުގެ ވިސްނުމަކީ ފުނަދޫއަށް ސީޕްލޭން ޓާމިނަލް ބަދަލުކުރުމެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު ނެގުމަށްފަހު، ރައީސް ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް އެތަން ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ޤާއިމުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
