އާދިއްތަ ދުވަހު ހދ.ހަނިމާދޫ އެއާޕޯޓުގެ އައު ރަންވޭ ބޭނުން ކުރަން ފަށަން ނިންމައިފިއެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން ބުނީ މިދިޔަ ނޮވެމްބަރު ހިސާބުގައި އައު ރަންވޭގެ 1.2 ކިލޯމީޓަރު ނިންމުމަށްފަހު، އެ ބައި ހުޅުވަނީ މިހާރު ބޭނުންކުރާ ރަންވޭގެ މައްޗަށް އެ އެއާޕޯޓުގައި ހަދާ ރަންވޭއިން ބައެއް އަރާތީ ކަމަށެވެ.

ހަނިމާދޫގައި އެއާޕޯޓުގައި މިހާރު ބޭނުން ކުރަނީ 600 މީޓަރު ރަންވޭއެކެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރަން އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކުރީ 2022 ގެ ސެޕްޓެމްބަރު މަހުގައެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 136.6 މިލިއަން ޑޮލަރަށެވެ.

މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޒަމާނީ އައު ޓާމިނަލެއް ތަރައްޤީ ކުރާނެއެވެ.

އަދި 2461.21 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީއަކާއި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރަން އިތުރު ވަސީލަތްތައް ޤާއިމުކުރާނެއެވެ.