މާލޭގެ ސްކޫލެއްގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މާލޭގެ ނަން މަޝްހޫރު ސްކޫލެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައި ވަނީ ގްރޭޑް ނުވައެއްގައި ތަޢުލީމު ހާސިލު ކުރަމުން އަންނަ، އަންހެން އަންނަ ދަރިވަރެކެވެ.
އެއީ ކޮން ސްކޫލެއްކަން މި ނޫހަށް އެނގުނު ނަމަވެސް، މައްސަލައިގައި ހިމެނެނީ ކުޑަ ކުއްޖަކަށް ވާތީ، އެ މަޢުލޫމާތު ސިއްރު ކުރީއެވެ.
އެނގިފައިވާ ގޮތުގައި، މި މައްސަލަ ފުލުހުން ބަލަމުން އަންނަތާ ދުވަސްކޮޅެއް ވަނީ ވެފައެވެ.
އެ ދަރިވަރަށް ޖިންސީ ގޯނާ ކުރީ ފިރިހެން ޓީޗަރެކެވެ. އެއީ އެ ސްކޫލްގައި ކިޔަވައިދޭ ދިވެހި ޓީޗަރެއްކަން ވެސް އެނގިފައިވެއެވެ.
މި މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ”އަސުރަށް“ އަދި ލިބިފައެއް ނުވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ވެސް ގިނައެވެ. މިފަދަ މައްސަލަތައް އިތުރުވާތީ، ދިވެހި ސަރުކާރުން ވަނީ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް (ސީ.އެފް.ޕީ.އެސް) އިން އަދާހަމަކޮށް ބަލަހައްޓަމުން ގެންދާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފައެވެ.
