ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފައްދަވާފައިވާ ”މޯލްޑިވްސް ޒަކާތު ހައުސް“ ގެ ވެބްސައިޓު މިއަދު އިފްތިތާޙު ކޮށްފިއެވެ.

މި ވެބްސައިޓް އިފްތިތާޙު ކޮށްދެއްވައިފައި ވަނީ އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަޠީފެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފައްދަވާފައިވަނީ 18 ޑިސެމްބަރ 2023 ގައެވެ.

މޯލްޑިވްސް ޒަކާތު ހައުސް އުފެއްދުމުގެ މަޤްސަދަކީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ މަންފާ އިތުރުކޮށް، ޒަކާތުގެ ހައްޤުވެރިންނަށް ޒަކާތުގެ ނަފާ ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުގެ ނިޒާމާއި ފަންޑު އިތުރަށް ކުރިއެރުވުމެވެ.

ޒަކާތުގެ ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

އަދި ޒަކާތް ޙައްޤުވާ ބެހެނިވެރިންނަށް ޒަކާތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކޮންމެ މަހަކު މުދަލު ޒަކާތުގެ ނިޞާބު އިއުލާނުކުރުމާއި، ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލުމާއި އަދާހަމަކުރުން ހިމެނެއެވެ.