ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ސްޕޯޓްސް މިނިސްޓްރީގެ ދަރަނި 160 މިލިއަން ރުފިޔާއަށް އަރާފައިވާކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން އޭގެ ތެރެއިން ބޮޑު ބައެއް ދައްކާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރޭ ބޭއްވި މިނިސްޓަރުންގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

”އަހާ“ ނަމުގައި ކުރިއަށްގެންދާ މި ފޯރަމްގައި ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އެ ވުޒާރާއާ 232 މަޝްރޫއެއް ހަވާލުކޮށްފައި އޮތްކަމަށެވެ.

އަދި އެ މަޝްރޫޢުތަކުގެ އަގު 600 މިލިއަން ރުފިޔާއަށް އަރާކަމަށާއި، އެއީ މިނިސްޓްރީގެ 2 އަހަރެއްހާ ދުވަހުގެ ބަޖެޓްކަން ރާފިއު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ މަޝްރޫޢުތަކެއް އެ ވުޒާރާއާ ހަވާލުކޮށްފައި އޮތްއިރު، ވުޒާރާގެ ދަރަނި 160 މިލިއަން ރުފިޔާއަށްކަމަށެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މިވީ 2 މަސްދުވަހުގެ ތެރޭގައި 160 މިލިއަން ރުފިޔާގެ ތެރެއިން 125 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.