ދިވެހީންގެ ރާއްޖޭގައި ފަންނުގެ ދާއިރާ ކުރިއަރުވާނީ ދިވެހީން ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަޙީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް “އެކްސް“ ގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.

ފައިޞަލްގެ ޕޯސްޓުގައި ވަނީ ދިވެހި ފަންނާނުންނަށް ގެއްލުންވާފަދަ ކަމެއް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ކުރިޔަށް އޮތް ދުވަސްތަކުގަައި ކަމާ ގުޅުން ހުރި ބޭފުޅުންނާ ބައްދަލުކުރައްވައި ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ރައީސްގެ ލަފާފުޅާއެކު ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވެސް މިނިސްޓަރު ފައިޞަލް ވިދާޅުވިއެވެ.

“ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުސަތު ހޯދައިދެއްވުމަކީ އެމަނިކުފާނުގެ އަމާޒު“ މިނިސްޓަރު ފައިޞަލް ވިދާޅުވިއެވެ.

ފައިޞަލް މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގައި ފަންނުވެރިން މަދު ކަމަށާއި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގައި މިއުޒިޝަނުންގެ ގޮތުގައި މަސައްކަތް ކުރަން ބޭރު މީހުން ގެންނަން ވިސާ ދޫކުރަން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ޓޫރިޒަމް މިނިސްޓްރީއަށް ދިން ލަފައަކާ ގުޅޭ ލިޔުންތަކެއް އާންމުވެ ދިވެހި ފަންނާނުން ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.