އިސްރާއީލުގެ ޔަހޫދީން ޣައްޒާގައި ހިންގަމުންދާ އުދުވާނީ ހަނގުރާމައިގެ ތެރެއިން ޤަތުލު އާންމަށްވާ ޢަމަލުތައް ހުއްޓައިލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ނެރުނު އަމުރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވަނީ އިސްރާއީލުގެ އުދުވާނު ވަގުތުން ހުއްޓައިލުމަށް ވެސް ގޮވައިލައްވައިފައެވެ.
ދެކުނު އެފުރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލާގައި އަވަހަށް ގޮތެއް ނިންމަންޖެހޭ ނުކުތާތަކާމެދު ގޮތެއް ނިންމައި އައިސީޖޭން މިއަދު އިއްވި އަމުރުގައި ބުނެފައިވަނީ ޣައްޒާގައި ޤަތުލު އާންމަށް މަގުފަހިވާ ގޮތަށް ހިންގާ ހުރިހައި ޢަމަލުތަކެއް އިސްރާއީލުން ހުއްޓައިލައި ޤަތުލު އާންމަކަށްވާނެ ކަމެއް ނުހިނގާކަން ކަށަވަރުކުރަންޖެހޭނެ ކަމަށެވެ.
މި ނިންމުމާއިއެކު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ އިބްތިދާޢީ ފިޔަވަޅުތަކެއް އެޅުމަށް އައިސީޖީން ނެރުނު އަމުރަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔާ ކަމަށެވެ.
އެމަނިކުފާނު ވަނީ ޣައްޒާގައި ޤަތުލުއާންމު ހިންގުމަށް ހިތްވަރުދިނުން ހުއްޓުވުމަށާއި، އެކަންކުރާ މީހުންނަށް އަދަބު ދިނުމަށް ގޮވާލާފައިވާތީ އެކަމަށް ރާއްޖެއިން މަރުޙަބާ ކިޔާކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ހިންގާ ޤަތުލުކުރުންތައް މިހާރުން މިހާރަށް ހުއްޓައިލައި ހަމަލާ ބަދަލުކުރުން ވަގުތުން ހުއްޓުމަކަށް ގެންނަންޖެހޭކަމަށް ރާއްޖެއިން ޤަބޫލުކުރާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ އިންސާނެއްގެ ފުރާނައަކީ އަގުހުރި ފުރާނައެއް ކަމަށާއި އެ ފުރާނަ ހިމާޔަތްކުރަންޖެހޭނެ ކަމަށެވެ.
އަދި ބޮންއެޅުމާއި ގަދަކަމުން މީހުން ގެދޮރުން ނެރުމާއި ނަސްލީ ތަފާތުކުރުމުގެ ތެރެއިން ސުލްހަވެރިކަން ނުގެނެވޭނެ ކަމަށެވެ
އަދި ދާއިމުވާނެ ޙަޤީޤީ ޞުލްޙަ ޤާއިމުކުރެވޭނެ ހަމައެކަނި މަގަކީ 1967 ވަނަ އަހަރުގެ ބޯޑަރުތަކަށް ބިނާވެފައިވާ މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
