ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރއެއް ހަދަން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން މާލެ ސިޓީ ކައުންސިލާ ޙަވާލު ކޮށްފިއެވެ.

މިއީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަށް ހަދާ ތަނެކެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ. މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އާދަމް އާޒިމެވެ.

ކެޓް ޝެލްޓަރ ހަދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ސަރަހައްދުގައެވެ.

މިކަމަށް 5000 އަކަ ފޫޓުގެ ބިމެއް ހަމަޖައްސާ ބިން ދޫކުރުމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއި މާލެ ސިޓީ ކައުންސިލާ ދެމެދުވަނީ ސޮއިކުރައްވައިފައެވެ.

ކެޓް ޝެލްޓަރ ޤާއިމްވެގެން ދިއުމާއެކު މާލެތެރޭ ބުޅާ ގިނަވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށާއި އަމާޒަކީ ހަފްތާ-14 ނިމުމުގެ ކުރިން ފެސިލިޓީ އަޅާ، ޢާންމުންނަށް ހުޅުވައިލުން ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވަނީ ބުނެފައެވެ.