އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުންގެ ވިސްނުމުގައި ގިނަ ވަޒީރުންނަށް ރުހުން ދިނުމެއް މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިގޮތަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން، ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކުރި ނަމަވެސް އެއީ ހަމައެކަނި ގާނޫނުއަސާސީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށްފަހު ފާސްކުރި ކުރުމެއް ކަމަށެވެ.

އެ ކޮމިޓީގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ އެންމެ ފަހުގެ ނިންމުންތައް ނިންމާނީ މަޖިލީހުގެ ތަޅުމުން ކަމަށެވެ.

އެހެންކަމުން، ކެބިނެޓަށް ރުހުން އޮތްތޯ ނުވަތަ ނޫންތޯ އެނގޭނީ މާދަމާގެ ވޯޓުން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މެންބަރުން ހަމަ އަޅުގަނޑު ގާތުގައި ވަރަށް ސާފުކޮށް ވިދާޅުވީ މިހާރު އެތަނުން އެއްވެސް މެންބަރަކަށް ވޯޓު ދޭކަށް ބޭނުމެއް ނުވެޔޭ،“ ސަލީމް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީީސް ސަލީމް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ހައިދަރަށް ރުހުން ނުދޭން ނިންމައިފައެވެ. މި ނިންމުމަކީ ސަރުކާރާ ވަރަށް ބޮޑަށް ޒާތީވެ، ސަރުކާރުން ރައްޔިތުންނަށްޓަކައި ހިންގަން މަސައްކަތް ކުރާ މަޝްރޫޢުތައް ހުއްޓުވާލަން ކުރާ ކަމެއްގެ ގޮތުގައި ގިނަ އާއްމުން ދަނީ ސިފަ ކުރަމުންނެވެ.