ދިވެހީން އާއްމުކޮށް ބޭނުންކުރާ ބޭސް، ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ނުކެއުމަށާއި ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ވަނީ، ޕެނަޑޯލާ ގުޅޭގޮތުން އެ އޮތޯރިޓީއިން ހަދަމުން އަންނަ ޓެސްޓުތަކަކާ ގުޅިގެން އެ ބޭސް ބޭނުންކުރުން މިހާރަށް ހުއްޓައިލުމަށް އަންގައިފައެވެ.
އެ އޮތޯރިޓީން ބުނީ ރާއްޖެ އެތެރެކޮށް ވިއްކާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް، ”ޕޯސްޓް މާކެޓް ސަވައިލަންސް ޕްލޭން“އެއް ހަދައި އެ ޕްލޭންއާއި އެއްގޮތަށް ރެންޑަމް ސާމްޕަލް ނަގައި ބޭހުގެ ޓެސްޓްތައް އަބަދުވެސް ހަދާ ކަމަށެވެ.
އެގޮތުން މި ބޭހުގެ ސާމްޕަލެއް މާކެޓުން ނަގައި، ޓެސްޓުކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އަދި ބުނީ އެ އޮތޯރިޓީން ވަކި ގޮތެއް އަންގަން ދެން ފާމަސީތަކުންނާއި އާންމު ފިހާރަތަކުން މިވަގުތު ބޭސް ނުވިއްކުމަށް ދަންނަވާ ކަމަށާއި، މި އިންވެސްޓިގޭޝަން ނިމެންދެން މި ބޭސް ރާއްޖެ އެތެރެކުރުން ވަނީ ރެސްޓްރިކްޓް ކުރެވިފައި ކަމަށެވެ.
ޕެނެޑޯލަކީ ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއް ބޭހެވެ. މި ބްރޭންޑުގެ އިތުރުން ޕެރެސެޓަމޯލް 500 މިލިގްރާމްގެ އިތުރުން 11 ބްރޭންޑަކާއި ޕެރަސެޓަމޯލް 650 މިލިގްރާމްގެ 7 ބްރޭންޑެއް އެޕްރޫވް ޑްރަގް ލިސްޓުގައި ހިމެނެއެވެ.
