ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުން ލަސްކުރާނަމަ އިތުރު ޚަރަދުތަކެއް ހިނގާނެ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނާއިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
ހަބީބު ވިދާޅުވީ ކުރިންވެސް ކަނޑައަޅާފައި އޮތް ތާރީޚުގައި އިންތިޚާބު އޮންނާނެ ކަމަށާއި އިންތިޚާބު ލަސްކުރަން މަޖިލީހުން ނިންމާނަމަ ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
މިގޮތުން އިންތިޚާބުގެ ވޯޓްލުން ބޭއްވުމަށް ސްކޫލްތައް ލިބޭނެ ގޮތް ހެދުމާއި އިންތިޚާބުގެ ކަންކަމަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ހޯދޭނެ މަގު ފަހި ކުރުމުގެ އިތުރުން މުވައްޒަފުންނާއި އޮފިޝަލުންނަށް ބޭނުންވާ ރިފްރެޝާރ ތަމްރީނުތައް ހިންގުން ފަދަ ކަންކަމަށް މަޖިލީހުން ރިޢާޔަތްކުރެއްވާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ހަބީބް ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބަށް ކަނޑައަޅާފައިވަނީ 60 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އިންތިޚާބު ފަސްކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު މަޖިލީހުގެ ޖަލްސާއެއް ވީއެންމެ އަވަހަކަށް ބާއްވާނެކަމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއިން ވަނީ ބުނެފައެވެ.
އަދި އިންތިޚާބު ލަސްކުރުމަށް ވެރިކަންކުރާ ޕީއެންސީ ޕީޕީއެމް ކޯލިޝަން އަދި ދަ ޑިމޮކްރެޓްސް އިންވެސް ތާއިދުކުރާކަން ވަނީ ހާމަކޮށްފައެވެ.
