ޗައިނާގެ ހިލޭ އެހީގެ ދަށުން ފަސް ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢު ނިންމާ ސަރުކާރާ ޙަވާލުކުރައްވައިފިއެވެ.

ޗައިނާ އެއިޑް މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސަލިނޭޝަން ޕްރޮޖެކްޓްގެ މަސައްކަތް ކޮށްފައިވަނީ ރ. އަލިފުށި ޅ. އޮޅުވެލިފުށި ހއ. ކެލާ ގއ. ދާންދޫގެ އިތުރުން ކ. ކާށިދޫގައެވެ.

ޗައިނާއިން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން އަލިފުށްޓާއި އޮޅުވެލިފުށްޓާއި ކެލާއާއި ދާންދޫގައި ވަނީ ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޑީސަލިނޭޝަން ޕްލާންޓެއް ޤާއިމްކޮށްފައެވެ.

އަދި މި ރަށްތަކުގައި 200 ކިލޯވޮޓްގެ ސޯލަރ ޕެނަލްވެސް ހަރުކޮށްފައިވާކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރަށް ކާށިދޫގައި ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޑީސަލިނޭޝަން ޕްލާންޓެއް ޤާއިމްކޮށް އިތުރު 100 ކިލޯވޮޓްގެ ވިންޑް ޓަރބައިންއާއި 100 ކިލޯވޮޓްގެ ސޯލަރ ޕެނަލް ހަރުކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޗައިނާގެ ހިލޭ އެހީގެ ދަށުން 5 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް އެއްބަސްވެފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. މި މަޝްރޫޢުއަށް 11.8 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.