ޖެލީފިޝް ފެންނަ މޫސުމުގައި މޫދަށް އެރުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ވަނީ ޖެލީފިޝް ފެންނަ މޫސުމުގައި މޫދަށް އެރުމުގައި ސަމާލުވުމަށާއި މޫދަށް އެރޭނަމަ ހަށިގަނޑުގެ ހުރިހާ ހިސާބެއް ނިވައިވާ ފަަދަ ހެދުމެއްގައި މޫދަށް އެރުމަށް އިލްތިމާސްކޮށްފައެވެ.

ޖެލީފިޝް ގައިގާ ޖެހިއްޖެނަ ކުރެވިދާނެ ކަންތައްތައް ވެސް އެ އެޖެންސީން ހިއްސާ ކުރިއެވެ.

އޭގެތެރޭގައި އަވަހަށް އެއްގަމަށް އެރުމާއި، ހަށިގަނޑުގައި ވިހައިގެ އަސަރުކޮށްފައިވާ ތަންތަނަށް ލޮނުފެން އަޅައި 30 ސިކުންތު ވަންދެން ދޮވެލުމާއި، ވިހައިގެ އަސަރު ކުރި ތަންތަން ދޮވުމަށް ސާފު ފެން ބޭނުން ނުކުރުމާއި، ޓުވީޒަރެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ހަންގަނޑަށް ހެރިފައިވާ ބައިތައް ނެގުން ހިމެނެއެވެ. އެއީ ހަން ހުރަހަކާ ނުލައި އަތް ބޭނުންކޮށްފިނަމަ ވިހައިގެ އަސަރުކޮށްފާނެތީއެވެ.

އަދި ވިހައިގެ އަސަރު ކެނޑުވުމަށް ތާފަނާ ފެނަށް ލައިގެން 30 މިނެޓު މަޑުކޮށްލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

ޖެލީފިޝް ވިހަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ދިލަނެގުމާއި ހަންގަނޑުގެ ކުލަ ބަދަލުވެ ހިރުވުން ހިމެނެއެވެ.

އަދި ނުރައްކާވެދާނެ ފަދަ އަލާމާތްތަކުގެ ތެރޭގައި ވިހަވި ތަނަށް އާދަޔާ ޚިލާފަށް ތަދުވުމާއި އަކުނިވަޔަށް ދެމުމާއި ބޯ އަނބުރައި ހޮޑުލެވުމާއި އާދަޔާ ޚިލާފަށް ދާ ހިއްލައި މޭގައި ރިއްސުމާއި ކަރުބެދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ.

ނުރައްކާތެރި އަލާމާތެއް ހުރިނަމަ ފުރާނައަށް ނުރައްކާ ވެދާނެކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ވީހާވެސް އަވަހަށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.