ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ) ހުސައިން ޝަމީމަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ޝަރީޢަތް ނިމެންދެން ބަންދު ކޮށްފިއެވެ.
ޝަމީމަށް މަރުތޭލަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ރ. އަލިފުށި، ރިވެލި މިދުހަތު އާދަމް (23އ) އާއި ލ. ގަން، ތުނޑި، ޖަވާހިރުވިލާ މުހައްމަދު ޖަޒްލާން (22އ) އެވެ.
ފުލުހުން އެ ދެ މީހުންގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި އަމަންނަގާލުމުގެ ކުށް ކުރިކަމުގެ ތުހުމަތެވެ.
އެ ދެ މީހުންވެސް އިއްޔެ ހައްޔަރު ކުރިއިރު، ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރީ ވެސް އިއްޔެއެވެ
ކުރިމިނަލް ކޯޓުގައި ފުލުހުން ބުނީ ތަހުގީގަށް މިހާތަނަށް ފާހަގަވެފައިވާ ގޮތުގައި އެ ދެ މީހުން މާރާމާރީ ހިންގާފައިވަނީ މަރުތޭލެއް ފަދަ އެއްޗެއް ބޭނުންކޮށްގެންކަން އެނގިފައިވާ ކަމަށެވެ.
އެ ދެ މީހުން މަރުތޭލުން ހަމަލާދިނުމަށް މަސައްކަތްކުރީ އަނިޔާ ލިބުނު މީހާގެ ބޮލަށް ކަމަށް ވެސް، ސީސީޓީވީ ފުޓޭޖުން އެނގޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް ހަމަލާގެ އެތިފަހަރު އަރާފައިވަނީ އަނިޔާ ލިބުނު މީހާގެ އަތުގެ މުލައްދަނޑިއަށް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން އިއްޔެ ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައިވަނީ މިފަދަ ކަންކަމަށް ޖާގަ ނުދޭނެ ކަމަށެވެ. ޝަމީމަށް ހަމަލާ ދިން މީހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ހައްޔަރު ކުރެވިގެން ދިޔުމަކީ، މިފަދަ މައްސަލަތަކަށް ފުލުހުން ދޭ ސަމާލުކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
