ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އިންޑިއާގެ އަސްކަރިއްޔާގެ ބަޔަކު ބައިނަލްއަޤްވާމީ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް ވަތް މައްސަލަ ފެންމަތިވީއިރު، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ހިމާޔަތް ކުރަން ކެނޑިނޭޅި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދިފާޢީ ވުޒާރާއިން މިރޭ ދެއްވައިފިއެވެ.

އިންޑިޔާގެ ޢަސްކަރިއްޔާއިން ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް ރާއްޖެ ސަރަހައްދަށްވަދެ، ރާއްޖޭގެ މަސް ދޯނިތަކަކަށް އަރައި ހިންގި އޮޕަރޭޝަނުގެ ތަފްސީލް ދެއްވުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާކަން އެމްއެންޑީއެފުން މިރޭ ހާމަކުރެއްވިއެވެ.

ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ އަސްކަރިއްޔާއިން އަރާފައިވަނީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހު، ހއ.ދިއްދޫ އިރު އުތުރުން 72 ނޯޓިކަލް މޭލު ބޭރުންނެވެ.

މި މައްސަލައާ ގުޅޭގޮތުން އެމްއެންޑީއެފުން މިރޭ ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އަރާފައިވަނީ ދިވެހިރާއްޖޭގެ ކަމާގުޅުންހުރި އެއްވެސް އިދާރާއަކާއި ޙިއްސާކުރުމެއްނެތި ކަމަށެވެ.

އަދި އެކަން ކުރީ ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުތަކާއި އުޞޫލުތަކާއި ޚިލާފަށްކަމަށެވެ.

އެހެންކަމުން އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށްވަދެ، ދިވެހި 3 މަސް ދޯންޏަކަށް އަރާ ސުވާލުކުރި މައްސަލައިގެ ތަފްސީލު ހޯދުމަށް އިންޑިއާގެ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާނެ ކަމަށް ވަނީ ބުނެފައެވެ.

ބަޔާނުގައި ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ ސަރަހައްދަށް ވަދެ، އދ.މަހިބަދޫ ”އަސުރުމާ-3“ ދޯނީގެ އިތުރުން، އިތުރު 2 ދޯންޏަކަށް އަރާ ސުވާލުކޮށްފައިވާކަންވެސް މިހާތަނަށް ބެލިބެލުމުން ހާމަވެފައިވާކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކެނޑިނެޅި މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ނަފާ ހޯދުމުގައި ދިވެހި މަސްވެރިން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.