ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް އިލެކްޝަންސް ކޮމިޝަން، އީސީއަށް ލިބިފައިވަނީ ދެ ހުށަހެޅުން ކަމަށް އެ ކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.

އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އީސީގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ރޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލިތާ 4 ދުވަސް ވެފައިވާއިރު މިހާތަނަށް ލިބިފައިވަނީ ދެ ހުށައެޅުމެއް ކަމަށެވެ.

”މިހާތަނަށް އީސީއަށް ލިބިފައިވަނީ ގަމު ދާއިރާ އަށާއި، ނިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓެއްގެ ދެ ހުށަހެޅުން.“ ޙަބީބު ވިދާޅުވިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ 14 ގެ 14:00 އަށެވެ.