ލޯކަލް މާރުކޭޓު ހުރިތަނުގައި ދުނިޔޭގެ ފެންވަރުގެ، ހަތަރު ފަންގިފިލާގެ މާރުކޭޓެއް އަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މާރުކޭޓުގެ ޙާލަތާއި ބިދޭސީން ގޮޅިތަކުގައި ވިޔަފާރިކުރާތީ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ”ރައީީސްގެ ޖަވާބު“ ސިލްސިލާގެ ދަށުން މީހަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ރައީސް ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓުގެ ޙާލަތު ހުރީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގަ މާރުކޭޓުތައް ހުންނަ ތަންތަނުގަ ހުންނަ ފެންވަރުގެ އިމާރާތެއް އަޅާފަ، އެތަނުގަ މަސް މާރުކޭޓު ވެސް އަދި ލޯކަލް މާރުކޭޓް، ދަތުރު މާރުކޭޓުގައި ވިއްކާ ތަކެތި ވިއްކޭ ކަހަލަ ޖާގަ ވެސް ހިމެނޭ ގޮތަށް ހަތަރު ބުރީގެ ޒަމާނީ މާރުކޭޓް އިމާރާތެއް އަޅަން، އަދި ޕާކިން ވެސް އެތާގަ، އަޑީގައި ބޭސްމެންޓް ވެސް ހިމެނޭގޮތަށް.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ، މި މަޝްރޫޢު މިހާރު އޮތީ ފެށުމުގެ މަރުހަލާގައިކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ އެ ތަން އެޅުމުން މާރުކޭޓުގެ ޙާލަތާއި ބިދޭސީން ގޮޅިތަކުގައި ވިޔަފާރިކުރާތީ ދިމާވާ ކަންކަމަށް ވެސް ޙައްލު ލިބޭނެ ކަމަށެވެ.
އެގޮތުން އައު މާރުކޭޓުން، ސާފު އަދި ޖާގަ ބޮޑު ގޮޅިތައް ދިވެހީންނަށް ހަމަޖެހިގެންދާނެ ކަމަށާއި، ބިދޭސީން ގޮޅިތަކުގައި ވިޔަފާރި ކުރާ މައްސަލަ ވެސް، ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ޙައްލު ކުރެވޭނެ ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރޯދަ މަސް ނިމުމާއިއެކު އޭޕްރީލް މަހުގައި އައު މާރުކޭޓުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި އައު މާރުކޭޓު އެޅެންދެން، މިހާރުގެ މާރުކޭޓު ވަގުތީ މާރުކޭޓަށް ބަދަލު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
