މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއްވަވާ ދިވެހި ޤައުމަށް ވަރަށް އުއްމީދީ، ވަރަށް ގިނަ ކަންކަން ހާމަ ކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް، އިބްރާހީމް ޚަލީލު ވިދާޅުވީ މާދަމާ ރައީސް މުޢިއްޒު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނުގައި، ދިވެހި ރައްޔިތުންނަށް އަދި ދިވެހި ޤައުމަށް ވަރަށް އުއްމީދީ އަދި ވަރަށް މުހިންމު ކަންތައްތަކެއް އެމަނިކުފާނު ހާމަކުރައްވާނެ ކަމަށެވެ.

”ދިވެހިރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ދިވެހި ޤައުމުގެ އެންމެ މަތީ ވެރިއަކު ރައްޔިތުންގެ މަޖިލީހުގައި މިހައިތަނަށް ހުށަހަޅުއްވަވާ އެންމެ ޝާމިލް، އަދި އެންމެ ވިޝަނަރީ ޤައުމީ ތަޞައްވުރުތައް މި ރިޔާސީ ބަޔާނުގައި ހާމަކުރައްވާނެ“ ޚަލީލު ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން، ކޮންމެ އަހަރަކުވެސް މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއަށް އެ މާއްދާގައި ބަޔާންކުރާ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެއް އިއްވެވުމަކީ ލާޒިމް ކަމެކެވެ.

ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގައެވެ.

ޖަލްސާ ފައްޓަވައިދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ. އެއަށްފަހު އެ ޖަލްސާގައި އޮންނާނީ ރައީސް މުޢިއްޒުގެ ރިޔާސީ ބަޔާން އިއްވެވުމެވެ.

ޖަލްސާގެ އެޖެންޑާގައި ވެސް އޮތީ، ރިޔާސީ ބަޔާން އިއްވެވުން އެކަންޏެވެ.