މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 500 ހައުސިން ޔުނިޓު ދިނުމަށް ނިންމާފައިވާ ކަމަށް ރައީީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ތަފާތުއެކި ނުކުޅެދުންތެރިކަމާ ހުރެ، މުޖްތަމަޢުގެ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މި އަހަރު ފައްޓަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެފަދަ ގައުމީ ދަފްތަރެއް ނެތުމުގެ ސަބަބުން ސަރުކާރުން އޯގާތެރިކަމުގެ އަތެއް ދިއްކޮށްލަން ޖެހޭ އެތައް ރައްޔިތުންނެއް އެކަމުން މަހުރޫމުވެފައި އެބަތިބި ކަމަށެވެ.
އަދި ދަފްތަރާއެކު ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށްވެސް އެންމެންގެ ލޯބި ލިބިގެން އުޅެވޭނެ މުޖްތަމަޢެއް، މާޙައުލެއް، އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި އުފެއްދޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އޭގެ އިތުރުން އެފަދަ ފަރާތްތަކަށް ފަރުވާދީ އެހީތެރިވަމުންދާނެ ކޮމިޔުނިޓީ ތެރަޕިސްޓުން ނެރެ ނަފްސާނީ އެކި ބަލިތައް ތަޙައްމަލްކުރަމުންދާ މީހުންނަށް އަޅައިލުން އިތުރުކޮށް، ކޮންމެ ވަގުތަކުވެސް ސަރުކާރުގެ އެހީތެރިކަމަށްއެދި އެފަދަ ފަރާތްތަކަށް ގުޅައިލެވޭނެ ހެލްޕްލައިނެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ފަށައިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކުރެވިގެން 500 ހައުސިން ޔުނިޓް ހިމެނުމަށް ނިންމާފައިވާ ކަމަށް ރައީީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކޮށް، ހުރިހާ ރައްޔިތުން ގެދޮރުވެރި ކުރުވުމަކީ ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ.
