އާސަންދައިގެ ނިޒާމަކީ އޭގެ އެންމެ ޙައްޤުވެރިންނަށް އިސްކަންދޭ ނިޒާމަކަށް ބަދަލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދައުލަތުގެ މާލިއްޔާއަށް ކުރިމަތިވެފައިވާ، އަދި ދަރަނި އިތުރުވާންވެސް ދިމާވެފައިވާ މައިގަނޑު ސަބަބަކީ އާމްދަނީއާ އަޅާބަލާއިރު ސަރުކާރުގެ ޚަރަދުތައް ބޮޑުތަނުން އިތުރުވުން ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ޚަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިގޮތުން، ޒަމާނުއްސުރެ ސަބްސިޑީގެ ނިޒާމު ބައްޓަންކުރެވިފައިވާ ގޮތް ބަދަލުކޮށް، ސަބްސިޑީއަކީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްޞަކުރެވިގެން ދެވޭ އެއްޗަކަށް ބަދަލު ކުރައްވާނެ ކަމަށް ރައީީސް ވިދާޅުވިއެވެ.
”ފޯރުންތެރިކަން ހުރި ފަރާތްތަކާއި އެންމެ ނިކަމެތި ފަރާތްތަކާ އެއްހަމައަކުން ވަޒަންކޮށްގެން ސަބްސިޑީ ދެމުން ގެންދިއުމުގެ ނަތީޖާއަކަށް ވެފައިވަނީ، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީވާން ސަރުކާރަށް އޮންނަ މާލީ ޖާގަ ހަނިވުން.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީީސް ވިދާޅުވި ގޮތުގައި، އާސަންދަ ނިޒާމަށްވެސް ކުރިމަތިވެފައިވާ އެއް ގޮންޖެހުމަކީ އެއީއެވެ. އެ ނިޒާމަކީ ޞިއްޙީ ފަރުވާ ހުރިހާ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ހިންގަމުން ދާ ނިޒާމެއް ކަމުގައި ވިޔަސް، އެންމެ ފޯރުންތެރިކަން ހުރި ފަރާތްތަކުން ލިބިގަންނަ ޚިދުމަތްތަކަށްވެސް ސަރުކާރަށް ބަރޯސާވާ ގޮތަށް ހަމަޖެހިފައި އޮތުމަކީ، މާލިއްޔާއަށް ބުރަ ބޮޑުވާ ކަމެއް ކަމަށް ރައީީސް ވިދާޅުވިއެވެ.
”އަދި ނިޒާމު މިހާރު އެކުލަވާލެވިފައިވާ ގޮތުން، އިސްރާފުވެސް މިވަނީ އިންތިހާއަށް އިތުރުވެފަ. ވީމާ އާސަންދަ ނިޒާމަކީވެސް އޭގެ ޙައްޤުވެރި ފަރާތްތަކަށް އިސްކަންލިބޭ ނިޒާމަކަށް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން.“ ރައީީސ ވިދާޅުވިއެވެ.
މި ބަދަލާއެކު މާލިއްޔާއަށް ލިބޭ ޖާގައިން، ޞިއްޙީ ފަރުވާގެ ފެންވަރު އިތުރުކޮށް، މިހާރު އެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދަން ފިސްކަލް ޖާގަ ލިބިގެންދާނެ ކަމަށް ރައީީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، މި ކުންފުނިތައް ދައުލަތަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށްވެސް މަސައްކަތްކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަގުނަ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
