ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ.
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، 1414 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި، ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައި ކަމަަށް ވެސް އީީސީން ބުނެއެވެ.
އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 ން ހަވީރު 6:00 ގެ ނިޔަލަށް 1414ގެ ޚިދުމަތް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
