ދިވެހިރާއްޖޭގެ އިޤްތިޞާދު ދުވަހަކުވެސް ވައްޓާނުލާ ވަރުގެ ބޮޑު އަނދަވަޅަކަށް ވައްޓާލާފައިވާކަމީ ޤަބޫލު ކުރަންޖެހޭ ޙަޤީޤަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތ.ގުރައިދޫ އަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެ ޙާލަތުން އަރައިގަނެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށް ކުރާނެ ކަންކަން އެމަނިކުފާނު އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ދަންނަވައިފައިވާނެ ކަމަށެވެ.

”އެހެންވީމާ، އެގޮތަށް ކަންކަން ކުރަން އަޅުގަނޑުމެން މިހާރު ފަށާފަ މިވަނީ، އަޅުގަނޑުމެންގެ މި ވާރުތަވި އިޤްތިޞާދީ ޙާލަތު، ރަނގަޅު ކުރުމަށްޓަކައި ކުރަން ނިންމާފައި ހުރި ކަންކަން އެގޮތަށް ގެންދަންޖެހޭނެ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަން ހުރި މަސައްކަތްތައް ގިނަކަން ފާހަގަކުރައްވައި، ރައީީސް މުޢިއްޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތް ބަލައިގަނެ، ތަރައްޤީގެ މަޝްރޫޢުތައް ހިންގާނެ ގޮތް ތަރުތީބު ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އެއްފަހަރާ ގިނަ ކަންކަން ކުރަން، ރައްޔިތުން އަދި އެމަނިކުފާނު ވެސް ބޭނުންފުޅު ވިޔަސް، ވާރުތަވެގެން އައި ބޮޑު ދަރަންޏާއިއެކު އިޤްތިޞާދީ ޙާލަތު އޮތް ގޮތުން ކަންކަން ތަރުތީބު ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.