އޭނާ އަކީ އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނޫން ކަމަށާއި، ބަލި ޤަބޫލު ކުރަން އެނގިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު އޭނާ ވިދާޅުވީ މި އަހަރު ބާއްވާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ ވާދަ ކުރައްވާނެ ގޮތެއް ދެން ނޯންނާނެ ކަމަށާއި، މިއީ ވަރަށް ސާފުކޮށް ދަންނަވާ ވާހަކައެއް ކަމަށެވެ. އަދި ބަލިވުމުން، އެކަން ޤަބޫލު ކުރަން ނޭނގެން، އޭނާ އަކީ ނަޝީދު ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރި ދާއިރާގެ ޓިކެޓު ލިބުނަސް ދެން ”އެތަނަށް ވެސް ނުލާނަން“ ކަމަށާއި، ޓިކެޓު މިބިވަޑައިނުގަތުމުން، ބޮލަށް ފަސޭހަވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ރޮޒައިނާ ވާދަ ކުރެއްވީ ފޭދޫ އުތުރު ދާއިރާއަށެވެ.

ފޭދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވީ ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ޝަޙުޞިއްޔަތެއް ކަމަށްވާ އަޙުމަދު ޝަރީފު (ޑުންގާ)އެވެ.

ޕްރައިމަރީގެ ނާކާމިޔާބީއަށް ފަހު ރޮޒައިނާ ވަނީ ޑުންގާ އަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެމްޑީޕީ ފޭދޫ އުތުރު ހުރިހާ އެންމެން މި ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް ރޮޒައިނާ އެދިވަޑައިގެންނެވިއެވެ.

އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް ރޮޒައިނާ ފުރަތަމަ އިންތިޚާބުވެވަޑައިގަތީ 2014 ގައެވެ. އޭގެފަހުން 2019 ވަނަ އަހަރު ވެސް ރޮޒައިނާ އެ ގޮނޑި ދިފާޢު ކުރެއްވިއެވެ.