ތަރައްޤީއާ ދިމާލަށް ދިވެހި ޤައުމުގެ މިސްރާބު ބަދަލު ކުރެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ތ.ގުރައިދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.
ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ޣައްސާން ވިދާޅުވީ، މިއީ އެ ދާއިރާގެ ރައްޔިތުން ވެސް ވަރަށް ބޭނުން ހިފަންޖެހޭ ފުރުޞަތެއް ކަމަށާއި، އަޅުވަން ޖެހޭ ރިޔާ ވެސް ހުރީ ކަނޑައެޅިފައި ކަމަށެވެ.
”ވައި ހުރީ ހަރުކޮށް، ދަންމާނަށް ދަމާލާފަ“ ޣައްސާން ވިދާޅުވިއެވެ.
ރައީސް މުޢިއްޒުއަށް ތަޢުރީފު ކުރައްވައި ޣައްސާން ވިދާޅުވީ އެމަނިކުފާނަކީ ފަތިސް ނަމާދަށް ފަހުގައި، ވަޒީރުންނަށް ގުޅުއްވައި ދުވަހުގެ މަސައްކަތްތައް ވަރަށް ރަނގަޅަށް ރާއްވަވާ ކަމަށެވެ. އަދި އެހައި ބުރަކޮށް އުޅުއްވަމުން ވެސް ގުރައިދޫ ދާއިރާއަށް އެމަނިކުފާނު ދަތުފުޅު ކުރެއްވުމުން، ޣައްސާން ޝުކުރު އަދާ ކުރެއްވިއެވެ.
