ދިވެހީންގެ ގޯތީގެ އިންފާރު ބަލަހައްޓަން ޖެހޭނީ އެހެން ބަޔަކުތޯ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސުވާލު ކުރައްވައިފިއެވެ.

ރާއްޖޭގެ ހާއްސަ އިގްތިޞާދީ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ގާބިލްކަން ދިވެހި އަސްކަރިއްޔާގައި ގާއިމްކޮށްދެއްވާނެ ކަމަށް ރައީީސް މުޢިއްޒު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވަޢުދުވެވަޑައިގަތެވެ.

މިއީ ޚަރަދު ބޮޑު، އަދި ނުވާނެ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑު ކިޔައިފައެވެ. ތ.ވޭމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ރައީީސް މުޢިޢްޒު އެ ވާހަކަތަކަށް ރައްދު ދެއްވިއެވެ.

ރައީސް ވިދާޅުވީ، ޤައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި ކުރަން ޖެހިފައިވާ މަސައްކަތްތަކަކީ އާދައިގެ ކަންކަމެއް ނޫން ކަމަށެވެ.

މިނިވަންކަމުގެ ދިފާޢުގައި، މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ދެކޮޅަށް ވާހަކަ ދެއްކުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ލަދުވެތި ކަމެކެވެ.

ރާއްޖޭގެ ރަށްތައް ކުދި ވިޔަސް، 974،000 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދެއް ރާއްޖޭގައި އޮތްއިރު، ދުވަހަކުވެސް ދިވެހީން އެ ސަރަހައްދު ބަލަހައްޓާފައި ނުވާ ކަމަށް ވިދާޅުވެ، އެކަން ކުރަން ނިންމަވައި، އަސްކަރިއްޔާގައި އެ ޤާބިލުކަން އިތުރުކުރައްވާނެކަން، ރިޔާސީ ބަޔާނުގައި ވިދާޅުވިކަން ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހި ކަނޑުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ މިއަދު ވެސް، އަދި މާދަމާ ވެސް، ދިވެހީން އިޤްތިޞާދީ ނަފާ ހޯދަން ދާން އޮތް ތަން ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތީ ބާރު ހިމާޔަތް ކުރުމަށްޓަކައި ވެސް އެ ސަރަޙައްދު ހިމާޔަތް ކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

”އެކަން އަޅުގަނޑުމެންނަކަށް ނުވޭ މިއަދާ ހަމައަށް އައި އިރުގައެއް. އެކަން ކުރުމަށް އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެހެން ބައެއްގެ ކިބައިން އެހީތެރިކަމަށް އެދިގެން، އެހެން ބަޔަކު ލައްވާ އެ ސަރަހައްދު ބެލެހެއްޓުންތޯ  ރައްޔިތުން އެދޭނެ ގޮތަކީ، ޔަޤީން އެއެއް ނޫން ބޭނުންވާނެ ގޮތަކީ.“ ރައީީސް ވިދާޅުވިއެވެ.

ދިވެހީންގެ ގޯތީގެ އިންފާރު ބަލަހައްޓަން ޖެހޭނީ އެހެން ބަޔަކުތޯ ނުވަތަ އެއީ އަމިއްލަ ޤާބިލުކަން އިތުރުކޮށްގެން ކުރަން ޖެހޭ ކަމެއްތޯ ރައީސް ސުވާލު އުފެއްދެވިއެވެ.

”އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އަމިއްލަ ބާރުގަ، އަމިއްލަ ކެޕޭސިޓީގަ، މި ބިޔަ ބޮޑު ސަރަހައްދު ބެލެހެއްޓޭނެ ގޮތް، ދާދި އަވަހަށް ހަމަޖެހިގެންދާނެ. އެކަމަށްޓަކާ ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ފެށި، އެ ތައްޔާރީތައް ވަމުން މިދަނީ. އިރާދަކުރެއްވިއްޔާ، ލަސްތަކެއް ނުވެ، ދިވެހި ލޮބުވެތި ރައްޔިތުންގެ ކުރިމަތިން ފެނިގެންދާނީ، އެކަން އަޅުގަނޑުމެން ޢަމަލީ ގޮތުން ކުރާތަން “ އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

ރައީީސް ވިދާޅުވީ، ދިވެހީން އަމިއްލައަށް ދިވެހި ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރާ ވާހަކަ ދެއްކުމުން، އެކަމަށް ހަޖޫ ޖަހާ، އެކަމާ ދެކޮޅަށް ވާހަކަ ދައްކާނީ ދިވެހިވަންތަ، ޤައުމު ދެކެ ލޯބިވާ ބަޔަކު ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އަމިއްލަ ބާރުވެރިކަން ޤާއިމު ކުރަން މަސައްކަތް ކުރުމުން، އެކަމަށް ދޭން ޖެހޭނީ ހިތްވަރު ކަމަށް ވެސް އެމަނިކުފާނު ވިދާާޅުވިއެވެ.

”އެއަށް ސަޕޯޓުދީ، އެކަން ވާނެގޮތް ހޯދައިދޭން ދިވެއްސަކު ވިއްޔާ އުޅެން ޖެހޭނީ.“

ރައީސް ވިދާޅުވި ގޮތުގައި، މިފަދަ ކަންކަމާ ދެކޮޅަށް ވާހަކަ ދައްކާނީ އަމިއްލަ އެދުން އޮންނަ މީހުންނެވެ. ރައީސް ވިދާޅުވީ އެއްވެސް ޤައުމަކާއި ރާއްޖެއިން އަރައިރުން ނުވާނެ ކަމަށާއި، އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތު ބައްޓަން ވެފައި އޮންނާނީ އެކުވެރިކަމުގެ މައްޗަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަލް އިޙްތިރާމް ކުރާހާ ހިނދަކު ދިވެހީން ދެކޮޅުވެރިވާނެ އެއްވެސް ޤައުމެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 

 

 

ި