ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ވަޢުދަށް ފިއްލަވާނެ ރައީސެއް ނޫން ކަމަށް މިނިސްްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ރައީސް މުޢިއްޒު ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވައި، ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ފޮތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢު ކުރުމާއި ގުޅިގެންނެވެ.

ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ވަޢުދަށް ފިއްލަވާނެ ރައީސެއްނޫން ކަމަށެވެ.

”ދިވެހީންގެރާއްޖެ“ މި ޝިޢާރުގެ ދަށުން، ކުރިއަށް ގެންދިޔަ ރައީސް މުޢިއްޒުގެ ކެމްޕެއިނުގައި އެމަނިކުފާނު ވަނީ، 53 ދުވަހުގެ ތެރޭގައި، ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ޒިޔާރަތްކުރައްވާފައެވެ.

އަދި ތަފާތު އެކި އިންތިހާބީ ހަރަކާތްތަކުގައި، ދިވެހި ގައުމުގެ ހާލަތާއި ކުރިމަގާމެދު އެމަނިކުފާނުގެ ވިސްނުންފުޅާއި ތަސައްވުރާއި ސިޔާސަތު ހާމަކުރައްވައި، 205 ފަހަރު އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރިޔާސީ އިންތިޚާބުގައި ދައްކަވާ ހުރިހާ ވާހަކަފުޅުތަކާއި، ވެވަޑައިގަންނަވާ ހުރިހާ ވަޢުދެއް އެއްފޮތެއްގެ ސިފައިގާ ޝާއިޢުކުރައްވައި އާންމުކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

1024 ސަފުހާގެ މައްޗަށް އެކުލެވޭ އެ ފޮތުގައި، ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ކޮންމެ ވާހަކަފުޅެއްގައި ވެވަޑައިގެންނެވި މުހިންމު ވަޢުދުތައް ވަކީން ފާހަގަކޮށްދެއްވާފައިވެއެވެ.

އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކާއި، ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ފޮޓޯތައްވެސް ހިމަނުއްވާފައިވެއެވެ.